ދޯހާ އިން ޑަބްލިން އަށް ދަތުރު ކުރި ބޯއީން 787-9 ޑްރީމްލައިނާ އަކަށް ވައިގެ ތެރޭގައި ލޮޅުން އަރާ އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 12 މީހަކު ޒަހަމް ވެއްޖެއެވެ.
ގަތަރު އެއާވޭސްގައި ދުއްވާ މި ފްލައިޓު ވައިގެ ތެރޭގައި ތަޅުވައި ގަތީ ތުރުކީ މަތީގައި އޮއްވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެނީ 6 ކްރޫއިންނައި 6 ފަސިންޖަރުންނެވެ.
މިހާދިސާ މިހާރު ތަހުގީގު ކުރަމުން ދާ އިރު, ލަންޑަނުން ސިންގަޕޫރަށޤ ދަތުރު ކުރި ފްލައިޓަކަށް ވެސް ވައިގެތެރޭގައި އާދަޔާ ހިލާފު ލޮޅުންތައް އަރާ ހިނގި ހާދިސާއެއްގައި އެކަކު މަރުވެ 100 މީހަކު ޒަހަމވި ހާދިސާއެއް އިހަށް ދުވަހު ހިނގާފައި ވެއެވެ. މިހާރުވެސް 20 މީހަކަށް އައިސީޔޫގައި ފައިރުވާ ދެމުން އަންނަ އިރު ބައެއް މީހުންގެ މައިބަދަ އަށާއި ސިކުނޑީގެ އިތުރުން ބޮލުގެ ނާށިގަނޑަށް އެކިވަރުގެ ގެއްލުން ލިބިފައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވައިގެ ތެރޭގައި މިފަދަ ހާދިސާތައް ހިނގުން އިތުރު ވާން ފަށާފައި މިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދި ތަހުގީގަށް ދެނެގަނެވިފައި ނުވި ނަމަވެސް މޫސުމީ ބަދަލުތަކާއެކު ޖައްވުގައި ވައި ބާރުވުމާއި ވައިގެ ރޯޅި އެނބުރެމުން ދާ ގޮތްތަކަށް ބަދަލު އަންނަމުން ދާ ކަމަށް މޫސުމީ ދިރާސާ ކުރާ ފަރާތަތްކުން ބުނެފައި ވެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ދުނިޔެ ހޫނު ވުމަށް މެދުވެރިކާ ކަންކަން އިންސާނުން ކުރަމުން ދިޔުމުގެ ސަބަބުން އަންނަ މޫސޫމީ ބަދަލުތަކުގައި ޖައްވުގައި ވައި ހުންނަ ގޮތާއި އޭގެ ބާރުމިނަށް މިހާރުވެސް ވަނީ ބަދަލުތައް އައިސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އުޑޫމަތި ސާފު ދުވަސް ދުވަހުވެސް ފްލައިޓްތަކަށް ގަދަވަޔާ ކުރިމަތިލާން ޖެހޭނެއެވެ.