181 މީހުންނާއެކު ބޭންކޮކުން ފުރައިގެން ދެކުނު ކޮރެއާ އަށް ދަތުރު ކުރި ޖެޖު އެއާގެ ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިގެން ގޮސް ފާރެއްގައި ޖެހި ގޮވައިފިއެވެ.
މިހާދިސާގައި 85 މީހަކު މަރުވެފައި ވާކަން މިހާތަނަށް ޔަގީން ކުރެވިފައި ވާއިރު ސަލާމަތުން ތިބި 5 މީހަކު ސަލާމަތް ކޮށްފައި ވެސް ވެއެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާ އިރު, އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ, ދިރިތިއްބާ އެންމެން ފެނިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އޮފިޝަލުންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާ ހިނގިކަމަށް ލަފާ ކުރެވެނީ, މޫސުން ގޯސް ވުމާއި ރަންވޭއާ ހިސާބުގައި އުދުހެމުން ދިޔަ ދޫނިތަކުގެ އުނދަގުލުގެ ސަބަބުންނެވެ. ނަމަވެސް ސީދާ ސަބަބު ދެނެގަނެވޭނީ ތަހުގީގުތަކަށް ފަހުގައި ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ ދެދުވަހެއްގެ ކުރިން އަޒަރުބައިޖާންގެ މަތިންދާބޯޓެއް ކަޒަކްސްތާނަށް ވެއްޓި ގޮވި ހާދިސާއެއްވެސް ހިނގާފައި ވެއެވެ. އެ ހާދިސާގައި ގިނަ ބަޔަކު މަރުވި އިރު ބައެއް މީހުން ވަނީ ސަލާމަތް ވެފައެވެ. ޖުމްލަ 67 މީހުން ދަތުރުކުރި އެ ބޯޓު ވެއްޓުނީ ދިން މިސައިލް ހަމަލާއަކުން ކަމަށް މިހާރު ބެލެވެމުން ދާއިރު, އެ ހާދިސާ އާ ގުޅިގެން ރަޝިއާގެ ރައީށް ވްލަޑިމިއާ ޕުޓިން ވަނީ, އަޒަރްބައިޖާންގެ ރައީސްގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. މުރާސިލުން ބުނާގޮތުން ޕުޓިން މައާފަށް އެދިވަޑައިގަތީ, އެ ހާދިސާ ހިނގީ ރަޝީއާގެ މިސައިލް ހަމަލާއަކުން ކަމަށް ވުމުންނެވެ. ނަމަވެސް ޕުޓިން އެވާހަކަ ހިއްސާކުރައްވާފައެއް ނުވެއެވެ.