ޗައިނާގެ އެހީގައި ނޭޕާލްގެ ޕޮކާރާގައި ތަރައްގީ ކޮށް މި ޖެނުއަރީ 1 ގައި ހިންގަން ފެށި އެއާޕޯޓުގައި ބޯޓު ޖައްސަން މަގު ދައްކާ ލޭންޑިން ގައިޑިން ސިސްޓަމެއް ނެތް ކަން ހާމަވެއްޖެއެވެ.
ލޭންޑިން ގައިޑިން ސިސްޓަމަކީ ބޯޓު ޖައްސަން އަންނަން އިރު ދުރުފެންނަ ނިސްބަތް ނުސާފުވެ ފުސްކޮށް ހުންނަ ނަމަވެސް މަގު ދައްކާ ލައިޓިން ނިޒާމެކެވެ.
ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާން ޖަގައްނާތް ނިރޯލާއާ ހަވާލާ ދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނީ، އަންނަ ފެބްރުއަރީ 26 އާ ހަމައަށް އޮންނާނީ އެހެން ކަމަށާއި އެ ނިޒާމު އަދި ނެތް ކަމަށެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫ (ބީއާރުއައި)ގެ ދަށުން ހެދި މި އެއާޕޮޓަކީ 2016 ވަނަ އަހަރު ސޮއި ކުރި 216 މިލިއަން ޑޮލަރުގެ ލޯނަކުން ތަރައްގީ ކުރާ އެއާޕޯޓެކެވެ.
މިދިޔަ އާދީއްތަ ދުވަހު ބޯޓު ވެއްޓުނު އިރު، ރަންވޭ ނުފެންނަހާ ނުސާފު ނޫން ނަމަވެސް އެ ދުވަހުގެ އެ ހާދިސާގައި ބޯޓުން ދަތުރު ކުރި 72 މީހުން ވަނީ މަރުވެފައެވެ.
ރަންވޭ އާ ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ކައިރިވެފައި ވަނި ކޮށް ބޯޓު އަރިއަކަށް ތިރިއަށް ދާތަން ފެނެއެވެ. އޭރު ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރެއިން މީހަކު ލައިވް ސްޓްރީމް ކުރަމުން ދިޔަ މަންޒަރުތައް ސޯޝަލްމިޑިއާގައި މިހާރުވެސް ދައުރުވަމުން ދާ އިރު އެ މަންޒަރުތަކުން ފެންނަނީ، ސާފުކޮށް ރީތިކޮށް އޮތް އުޑުމައްޗާއި ސާފުކޮށް ފެންނަން އޮތް ޕޮކާރާއެވެ. އިރުކޮޅެއްގެ ތެރޭގައި ބޯޓުގެ އިންޖީނުގައި ހުޅުހިފާތަން ފެނެއެވެ. އެއާއެކު ޒަވި އަލިފާންގަނޑު ބޯޓުގެ ތެރެއަށް ވަދެ އަނދަމުން ދާތަން ފެނެއެވެ. އޭރުވެސް އެ މަންޒަރުތައް ފޯނަށް ރެކޯޑްވަމުން ދިޔަ އިރު ބޯޓު ބިންމައްޗަށް ވެއްޓި ގޮވައިފިއެވެ.
ބޯޓު ދެބުރިވެގެން އެއްބުރި ވެއްޓިފައި އޮތީ ދެފަރުބަދައިގެ ދެމެދުގައި އޮތް ހުސް އަޑިގަނޑަށެވެ. އަނެއްބައި އޮތީ އެދިމާ މަތީގައި އާންމުން ދިރިއުޅޭ އަވަށަކާ ކައިރީގައެވެ. ދިރިހުރި އެންމެ ފުރާނައެއްވެސް ނުފެނި ހަފްތާއެއް ވާންދެން ކުރި މަސައްކަތުން ގެނުވީ ހިތާމައާއި މާޔޫސް ކަމާއި ހިތްދަތިކަމެވެ.
ނޭޕާލަކީ ފަރުބަދަ ގިނަ ގައުމަކަށް ވާއިރު، އެއާޕޯޓުތައް ވެސް ހުންނަނީ ފަރުބަދަތަކުގެ ތެރޭގައި ހުންނަ ބޮޑެތި ހުސް ޖާގައިގައެވެ. ފިނި ހޫނުމިން ހުންނަ ގޮތުން ބައެއް ފަހަރު އެއާޕޯޓުތައް ދެނެގަންނަން ޕައިލެޓުންނަށް ދަތިތަކާ ދިމާވާ އިރު ނޭޕާލްގެ މި ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް މިފަދަ ގިނަ ހާދިސާތަކެއް ހިނގައި ގިނަ ބަޔަކު މަރުވެފައި ވެއެވެ.