ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން، މަގާމުން އިސްތިއުފާ ދީފިއެވެ.
ސުޒެއިން މިފަދައިން ނިންމާފައި ވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭ އަތުން 1-0 އިން ބަލިވެ ވިދިވިދިގެން ފަސް މެޗުން ބަލިވުމާއެކުއެވެ.
ފާއިތުވި ދެ އަހަރު ވަންދެން ގައުމީ ޓީމުގެ ކޯޗު ކަމުގައި ހުރި ސުޒެއިން ޓިމޯ ލެސްޓޭ މެޗަށްފަހު، މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ޓީމާއެކު ކުރި މަސައްކަތް މިހާ ހިސާބުން ނިންމާލާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޓީމާއެކު މަސައްކަތް ކުރާ އެންމެނަށް އޭނާ ވަނީ ހެޔޮ ދުއާ އަރިސްކޮށްފައެވެ.
ސުޒެއިން ބުނީ ދިވެހި ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮއްވަ ގައުމީ ޓީމާއެކު މަސައްކަތް ކުރަން ލިބުން އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ކޯޗުކަމުގެ މަގާމުގައި ހުރި ދުވަސްތަކުގައި އެއްބާރުލުންދިން ކުޅުންތެރިންނާ، އޮފިޝަލުން އަދި މެނޭޖްމަންޓަށް އޭނާ ވަނީ ޝުކުރުއަދާ ކޮށްފައެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ސުޒެއިން ހަވާލުވީ، އެންމެ ފަހުން ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. އޭނާ ވަނީ 2019 އިން ފެށިގެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.
އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި، އޭރުގެ ކޯޗު މާޓިން ވަކިކުރުމުން ސުޒޭން ވަނީ ވަގުތީ ގޮތުން ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ވެސް އަދާ ކުރިއެވެ.