ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ގާއިމް ކުރަމުން އަންނަ އާ ޓާމިނަލްގެ އެއްބައި އަންނަ ޖުލައި 26 އިން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވީ، ވީއައިއޭގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ޓަމީނަލްގެ އެއްބައި ބޭނުން ކުރަން ފަށާއިރު، ހިދުމަތްތަކަށް ވެސް ބަދަލުތައް އަންނާނެ ކަމަށް ޝަފީޒު ވިދާޅުވިއެވެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ވެސް ހުންނާނެ ކަމަށާއި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިންގެ ހިދުމަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށް ޝަފީޒު ވިދާޅުވިއެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ސަރުކާރުން ވަނީ ހޯދާފައެވެ.

ޒަމާނުންސުރެ ދަތުރުފަތުރު ކުރުމަށް އޮތް ދަތިކަމަށް ހައްލު ހޯދައި ދިނުމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ތަރައްގީ ކުރެވެމުންދާ ވީއައިއޭގެ އާ ޓާމިނަލް މިއަހަރުގެ އޮކްޓޯބަރުގެ ކުރިން ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރާ ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލަކަށް ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އާ ޓާމިނަލްގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށާއި، އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހުންނާނެ ކަމަށެވެ.

އާ ޓާމިނަލް އަކީ 78 އަކަމީޓަރުގެ ޓަމިނަލަކަށް ވާ އިރު، އާ ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ހިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.