މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޒަމްއަތު އަހްމަދު ވަހީދު ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ފާހަގަކުރެވޭ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނައަށް ފޮނުއްވި ނަންތަކުގެ ތެރެއިން ދެވަނަ އަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ޒަމްއަތުގެ ނަމެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަކީ:
- ޒަމްއަތު އަހްމަދު ވަހީދު، މަލަ / ގދ. ތިނަދޫ
- އިބްރާހީމް އަޝްރަފް، ވ. މަށަވެލި
- މޫސާ ރިޟްވާން، މ. ހާވިލާ
- ޒީނާ ޒާހިރު، އަތިރީގެ / ގދ. ގައްދޫ
- އަލީ ޔޫސުފް، ބާރަނާ / ޅ. ހިންނަވަރު
- ޝިމްލާ އަހްމަދު، އާސްޓްރަލްގެ / އައްޑޫ ހިތަދޫ
މި ލިސްޓުގައި ހިމެނޭ ބޭފުޅުންނަށް ރުހުންދިނުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުމެއް ބޭއްވިއެވެ. އެގޮތުން އިންޓަވިއުކުރުމަށް ފަހު ކޮމިޓީން މާކްސް ދިން ގޮތަކީ:
- ޒަމްއަތު އަހްމަދު ވަހީދު - 89.29
- ޒީނާ ޒާހިރު - 84.57
- ޝިމްލާ އަހްމަދު - 76.86
- އިބްރާހީމް އަޝްރަފް - 67.71
- އަލީ ޔޫސުފް - 64.17
މި ލިސްޓުގައިވާ ބޭފުޅުންގެ ތެރެއިން މޫސާ ރިޟްވާން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކޮށްފައިވާތީ ކޮމިޓީން ވަނީ ރިޟްވާންގެ ނަން ލިސްޓުން އުނިކޮށްފައެވެ.
ކޮމިޓީން ނިންމީ ޒަމްއަތާއި ޒީނާ އާއި ޝިމްލާގެ ނަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން މަޖިލީހުން ނިންމީ ބްރޯޑްކާސްޓިން ކޮމިޝަނަށް ޒަމްއަތު އައްުޔަންކުރަން ރުހުން ދިނުމަށެވެ. ވޯޓުގައި ބައިވެރިވި 56 މެންބަރުން ވެސް ވޯޓު ދެއްވީ ޒަމްއަތަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވާތީއެވެ.