ބ. އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައި ވަނީ 75.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ވާއިރު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން
  • ދުވާރުތައް ހެދުން
  • ފެން ހިންދާ ނިޒާމް ގާއިމުކުރުން
  • މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުން

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރު އެމްޓީސީސީއާއެވެ. 38.3 މިލިއަން ރުފިޔާއަށް ހަވާލު ކުރި އެ މަޝްރޫއުގެ ދަށުން ޑިޒައިންތައް ބަލާ ސާވޭކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން އޭދަފުށީގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް، 19 މަގެއްގައި އޭރު ވަނީ ތާރު އަޅައިފަ އެވެ.