އޭޝިއަން އެންޑް ޕެސިފިކް ސެންޓަ ފޮ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓާ އިންފޮމޭޝަން މެނޭޖްމަންޓް (އޭޕީޑީއައިއެމް) ގެ ގަވަނިން ކައުންސިލްގެ މެންބަރުކަމަށް 2025 އިން 2028 ވަނަ އަހަރުގެ ދައުރަށް ރާއްޖެ އިންތިހާބު ވެއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ގަވަނިން ކައުންސިލަށް ރާއްޖެއާއެކު މަކާއޯ، ޗައިނާ، އިންޑިއާ، ބަންގްލަދޭޝް، ކަޒަކިސްތާން، މޮންގޯލިއާ، ޕާކިސްތާން އަދި ތުރުކިޔޭ ވަނީ އިންތިހާބުވެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ގައުމީ އަދި ސަރަހައްދީ ރެޒިލިއަންސް ބިނާ ކުރުމަށް ޔޫއެންއެސްކޭޕީ އާ ގުޅިގެން ރާއްޖެއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އޭޕީޑީއައިއެމްގެ ގަވަނިން ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އަމާޒަކީ މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ކާރިސާތައް މެނޭޖްކުރުން ކުރިއަރުވައި، ޑޭޓާ ޑްރިވެން ޑިޒާސްޓާ ރިސްކް ކުޑަކުރުމުގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ އެއްބާރުލުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރުދަނާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އޭޕީޑީއައިއެމް އަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ކާރިސާތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ރެޒިލިއަންސް ހަރުދަނާ ކުރުމަށް އަމާޒުކޮށްގެން ހިންގާ އެސްކޭއޭޕީގެ ރީޖަނަލް ސެންޓަރެކެވެ. ޔޫއެންސްކޭޕް މެދުވެރިކޮށް 2015 ވަނަ އަހަރު އުފެއްދި އޭޕީޑީއައިއެމްގެ އަމާޒަކީ މައުލޫމާތު ހިއްސާކުރުމާއި، އާލީ އިންޒާރު ދިނުމުގެ ނިޒާމުތައް ހަރުދަނާ ކުރުމާއި، ސައްހަ މައުލޫމާތު އެންމެ ބޮޑަށް ބޭނުންވެއްޖެ ހިނދެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގްސަދުގައި ގައުމުތައް އެއްބައިވަންތަ ކުރުމެވެ. މިކަމުގެ ސަބަބުން މޫސުމާއި ކާރިސާގެ ނުރައްކާ އިތުރުވަމުން ދާތީ މުޖުތަމައުތައް ހިމާޔަތްކޮށް، އެ މީހުންގެ ރެޒިލިއަންސް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
އޭޕީޑީއައިއެމްގެ ކަންކަން ބަލަހައްޓަނީ އެސްކޭއޭޕީގެ މެންބަރު 8 ގައުމެއްގެ މައްޗަށް އެކުލެވިގެންވާ ގަވަނިން ކައުންސިލަކުންނެވެ. އޭޕީޑީއައިއެމްގެ ގަވަނިން ކައުންސިލްގައި ރާއްޖެ ތަމްސީލް ކުރާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ.