ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ބްރާންޗުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމާއި، އެކަމުގެ ސަބަބުން ކުންފުންޏަށް 76 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

ފެނަކައިން އައްޑޫގައި ހިންގާ ޕްރޮޖެކްޓުތަކާއި މުވައްޒަފުންނަށް ވަޒީފާ ދިނުން ފަދަ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭ ގޮތުން އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެދުމާއި ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޑިޓުގައި ބަލާފައިވަނީ

- އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ 4 ޕްރޮޖެކްޓުގެ މަސައްކަތައްކޮށްފައިވާ ހަރަދު

- އައްޑޫ ސިޓީގެ ތިން ބްރާންޗަށް ލިބުނު އާމްދަނީ އާއި ހިނގާފައިވާ ހަރަދު

- އައްޑޫ ސިޓީ ހިތަދޫ ޕަވާ ހައުސްއާއި ގުޅޭ ކަންތައްތައް

- ފެން ޕްލާންޓުން އުފައްދަމުންދާ ފެނުގެ ތެރެއިން ބިލު ކުރެވެމުންދާ އަދަދު ބެލުމާއި، އައިސް ޕްލާންޓާއި، ނަރުދަމާ ހިނގުމާއި ގުޅޭ ކަންތައްތައް ބެލުން

ފެނަކައިން އައްޑޫގައި ހިންގި ހަތަރު ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ހިތަދޫގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތައި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫފޭދޫ އޮފީހުގެ އާ އިމާރާތުގެ އިތުރުން ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އާ ޕަވާ ހައުސް އިމާރާތް ކުރުމަށް ޕްރޮޖެކްޓު ކުރިއަށް ގެންދިޔަ ގޮތް އޮޑިޓުގައިވަނީ ބަލާފައެެވެ.

މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 117 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވެގެން ދާނެ ކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މި ޕްރޮޖެކްޓުގެ ބޭނުން ހިފޭ ހާލަތަށް ގެނައުމަށް ޖުމްލަ 185 މިލިއަން ރުފިޔާ ބޭނުންވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދާ ނަމަ، މި ހަތަރު އިމާރާތް ނިންމުމަށް ހަރަދު ވާނީ 109 މިލިއަން ރުފިޔާ ކަމަށާއި މިއީ މިފަދަ ޕްރޮޖެކްޓުތަކަށް އަކަފޫޓަކުން ޖެހޭ އަދަދުން ހިސާބުކުރާއިރު ޖެހޭ އަދަދުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުތަކުގެ ޚަރަދުތަކާ ގުޅޭ ލިޔުންތައް އެ ކުންފުނިން ދިން ނަމަވެސް، އެއް ޕްރޮޖެކްޓުން އަނެއް ޕްރޮޖެކްޓަށް ޓްރާންސްފާކޮށްފައިވާ މެޓީރިއަލްތަކާއި މުވައްޒަފުންގެ ހަރަދުތައް އެނގެން ނެތްކަމަށެވެ. މި ހަތަރު ޕްރޮޖެކްޓު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން

- އާމްދަނީގެ ފައިސާ ވެސް އަމިއްލަ އެކައުންޓަށް ޖަމާކުރުން

- ރަށުން ބޭރުން ގެންނަ މުވައްޒަފުންގެ ތަފުސީލު ބަލަހައްޓާފައި ނުވުން

- ގެއްލުންވާ ގޮތަށް ތަކެތި ކުއްޔަށް ނެގުން

- އާއިލީ ގޮތުން ގުޅުންހުރި ވިޔަފާރިތަކުން ތަކެތި ގަތުން

- ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވުން (ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް)

- މުވައްޒަފުންނަށް ގަވައިދާއި ހިލާފަށް މަގާމުގެ ކުރިއެރުންދީ ދާއިމީ ކުރުން

- ޖީއެސްޓީއަށް ރެޖިސްޓްރީ ނުކުރާ ކުންފުންޏަކަށް ޖީއެސްޓީ ދެއްކުން

- ހަލާކު ވެގެންދާހާ ދުވަސް ކުރިން ތަކެތި ގަތުމަށްފަހު، ރައްކާތެރި ނޫން ތަނެއްގައި ގުދަންކުރުން

- ޑޮކިއުމަންޓު ފޯޖުކޮށްގެން ޕެޓީކޭޝްއިން ފައިސާ ނެގުން

- ކަރަންޓާއި ފެން ބިލުން ލިބެންވާ 77 މިލިއަން ރުފިޔާ ލިބިފައިނެތުން

- މުވައްޒަފުންގެ އަމިއްލަ ބޭންކު އެކައުންޓުތަކަށް ކުންފުނީގެ ޕެޓީކޭޝް ޖަމާކުރުން

- ކޭބަލްތަކެއް ގެއްލިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން އެނގެން ނެތުން

- ފެނުގެ ރައްކާތެރިކަން ކަށަވަރު ނުކުރުމާއެކު 9 މިލިއަން ރުފިޔާގެ ފެން ލީކުވުން

- އަގު ބޮޑުކޮށް މުދާ ގަތުމާއެކު ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައިނުވުން

މި މައްސަލަތަައް އިސްލާހު ކުރުމަށް އޮޑިޓު އޮފީހުން ލަފާދީފައިވަނީ، ކުންފުންޏަށް ގެއްލުންވާ ގޮތަށް އަދި ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ލިބޭގޮތަށް އަމަލުކޮށްފައިވާތީ، މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި، އެ މައްސަލަ އެންޓި ކޮރަޕްޝަމް ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމަށެވެ.