ނިމިދިޔަ ދެ މަހުގެ ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ މިދިޔަ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ސްޓެލްކޯއިން ބުނީ، މިދިޔަ މާޗް މަހެކޭ އެއްފަދައިން އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނީ އޭޕްރިލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑު މަހަކަށް ވާތީ އާންމުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، މާޗް މަހު ކަރަންޓު ބޭނުންކުރެވުނު އޭޕްރިލް މަހާ ތަފާތުވިޔަސް، ބައެއް ބިލުތަކުގައި ފައިސާގެ އަދަދު އެއްވަރުވީ މި ސަބަބާ ހެދި ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން މާޗް މަހު ރޯދަ މަހާ ގުޅިގެން ދިން ޑިސްކައުންޓާ އެކު ވެސް ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އޭޕްރިލް މަހުގެ ބިލު އެއްވަރުވުމުން ވެސް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.