މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުކަމަށްވާ މުލި އެއާޕޯޓް ތަރައްގީކޮށް އާންމު ދަތުރުތަކަށް ހުޅުވާލައިފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނީ މި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާ އާންމު ދަތުރުތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓު ކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އާރްއޭސީއެލް އިން ވަނީ ބުނެފައެވެ.
މި އެއާޕޯޓަކީ މީމު އަތޮޅުގެ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި މި އެއާޕޯޓާއެކު އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މުލި އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
މީމު އަތޮޅަކީ ރާއްޖޭގައި މިވަގުތު އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅަކަށް ވާއިރު، އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.