ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް، އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 3:47 ހާއިރުކަމަށެވެ. މިއީ ގދ. ތިނަދޫ ކުރީގެ ހުކުރު މިސްކިތް ކައިރީގައި ކާރަކާއި ސައިކަލަކާ ޖެހި ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަދި އޭނާއަށް ފުރަތަމަ ފަރުވާދިނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި އަދި ފަހުން، އިތުރު ފަރުވާއަށް މާލޭގެ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވާއިރު ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާކަމަށެވެ.