އައްޑޫ ސިޓީ ހަންކެޑެ ބްރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު ހެނދުނު 10:17 ހާއިރު އައްޑޫ ސިޓީ ހިތަދޫ ކޮޅުން މަރަދޫ އަށް ބްރިޖް މަތިން ބާރު ސްޕީޑުގައި ދުއްވައިފައި އައި ސައިކަލެއް ކޮންޓްރޯލުވެ ގޮސް ފެންސުގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ހުޅުވި ހަންކެޑެ ބްރިޖުގައި އެ މަހުގެ 26 ވަނަ ދުވަހުވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވި ޒުވާނާ ނިޔާވެފައިވާއިރު އައްޑޫ ސިޓީއަކީ ނިސްބަތުން އެކްސިޑެންޓް ގިނަ ސިޓީއެކެވެ.