ފަތުރުވެރިކަން ފުޅާކުރުމަށް 5 އަތޮޅަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށްގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ މަދުން ރިސޯޓް ހުރި 5 އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސަރަހައްދުތަކުގެ ބިމު ކުލި ކުޑަކުރަން ނިންމާފައިވާކަމަށާއި، އިންވެސްޓަރުންނަށް އިތުރު އިނާޔަތްތައް ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެއާއެކު ރައީސް ވިދާޅުވީ ހއ، ހދ، ށ، އަދި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައިވެސް ޓޫރިޒަމް ފުޅާކުރުމަށް ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށެވެ. ރައީސް ވިދާޅުވީ މި އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ލޭންޑް އިކުއިޒިޝަން ކޮސްޓުގެ ބޮޑު ލުޔެއް ދޭނެކަމަށާއި، ތަކެއްޗަށް ނަގާ ޑިއުޓީ އަށް ވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގެ އަމާޒަކީ އެންމެ މަދުން ފަތުރުވެރިކަން ފެތުރިފައިވާ މި އަތޮޅުތަކުގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރު ތެރޭ ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 61،375 އެނދު ހުރިއިރު އޭގެތެރޭގައި 172 ރިސޯޓުގައި ހުރި 42،085 އެނދު، 837 ހޮޓާ އަދި ގެސްޓްހައުސްގައި 16110 އެނދު އަދި 157 ސަފާރީ އުޅަނދު ފަހަރުގައި ހުރި 3180 އެނދު ހިމެނެއެވެ.