ކުރީ ސަރުކާރުން ބިން ހިއްކުމަށް ހިންގި މަޝްރޫއުތައް ހަވާލުކުރި ބޭރުގެ ކުންފުނިތަކަށް ބަދަލުގައި ރާއްޖެއިން ބިން ދޫކުރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކޮށްފައިވާ ކަމަށާއި އެ ސިޔާސަތަށް ތާއީދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ބިންތައް ހިއްކުމަށް ބޭރުގެ ކުންފުނިތަކާ އެކު ހަދާފައިވާ އެގްރިމަންޓްތަކުގައި އެ މީހުންނަށް ބަދަލުގެ ގޮތުގައި ރާއްޖެއިން ދޫކޮށްފަިއވާ ބިންތައް މިހާރު އަތުލާފައިވާ ކަަމަށެވެ. ބިންތައް ހިއްކުމަށްޓަކައި އެ ބަޔަކު ފައިސާ ހަރަދު ކުރުމުން އޭގެ ބަދަލުގައި ރާއްޖެ އިން ބިންތައް ދޫކުރުމުގެ ސިޔާސަތު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މި ސަރުކާރު ކުރިއަށް ދާނީ އެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގިރާވަޅުފަޅު ހިއްކުން ވެސް ލަސް ވަނީ އެ ސަބަބާ ހެދި ކަމަށާއި ހުޅުމާލެ ތިންވަން ފިޔަވަހީ ވެސް ވަނީ ހިއްކުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން ތިލަފުށިން ބިންތަކެއް ދޭން ނިންމާފައި ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ފުރަތަމަ ހަވާލުކުރީ އެ ތަން ހިއްކާ މީހުންނަށް ބިންތަކެއް ދޭ ގޮތަށް ކަމުގައި ވިޔަސް އެ އެއްބަސްވުން ވެސް ބާތިލް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކިއެކި ކޮންޓްރެކްޓަރުން ހޯދައިގެން، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މި އަހަރު ތެރޭ ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް މިހާރު ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.