ތ. ގާދިއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަން އިއުލާންކޮށްދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ފަޅުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ 11،500 ކިއުބިކް މީޓަރުގެ ޖާގަ ހުންނަ ބޮޑު ޑްރެޖަރެއް ކަމަށްވާ "ފިލިޕޯ ބްރޫނެލޭޝީ" ބޭނުންކޮށްގެންނެވެ. މި ޑްރެޖަރުގެ އެހީގައި ޖުމްލަ 396،000 ކިއުބިކް މީޓަރުގެ ވެލި އެ ރަށުގެ ފަޅަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތުގެ ދުވެލި ހުރިގޮތުން، ބިން ހިއްކުމުގެ މުޅި މަޝްރޫއު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، މި މަޝްރޫއުގެ ސަބަބުން ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ގާދިއްފުށީގެ އަލަށް ހިއްކާ ބިމާއެކު ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި، ރަށުގެ އިގުތިސާދީ އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ރަށަށް ބޭނުންވާ އުމްރާނީ ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ހިންގުމަށްވެސް މި ބިމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.