ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ ޖުލައި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ، އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަރުވާ ކަމަށާއި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 17 ވަނަ ދުވަހުގެ ރޭ 21:00 ގައި މާލެ، ބާސެލޯ ނަސަންދުރައިގައި ކަމަށެވެ. އަދި އެ ޖަލްސާ އޮންލައިންކޮށް މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކުރިއަށް ގެންދަންވެސް އެ ކުންފުނިން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.
އެސްޓީއޯ އިން ބުނީ މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓުކޮށްފައިވާ ހިސާބުތަކުގެ އިތުރުން އެސްޓީއޯގެ ފައިދާއިން މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދާއި، މި އަހަރު ކުންފުނި އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަނުކުރުމާއި އިންތިހާބު ކުރުމަށް ފާސްކުރަން ވެސް މި ޖަލްސާގައި ހުށަހެޅިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ މި ޖަލްސާގައި ބައިވެރިވުމަށް އެދި ރެޖިސްޓާކުރުމުގެ ސުންގަޑިއަކީ މި މަހުގެ 14ވާ ބުދަ ދުވަހުގެ 23:59ގެ ކުރިން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައެވެ. އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއީ 2024 ގެ ހަތަރު ވަނަ ކުއާޓަރުގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 4.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއަށް އަސަރުކުރި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާ އާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.