މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް، މަގުމަތީގައި ތިބޭ މަންޒަރު ފާހަގަވާނަމަ އެކަން ރިޕޯޓުކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީން އެދެފިއެވެ.

ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ. އަދި އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން އެ މީހުން ހިފަހައްޓައި އަނިޔާކުރުމާއި އަދި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެންޑީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

މިކަންބޮޑުވުމާ ގުޅިގެން އެންޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕާޓީކުރުމާއި، މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަކުރެވިއްޖެނަމަ 911އަށް ގުޅާ އެކަން ރިޕޯޓުކުރުމަށް އެދިފައެވެ. ނުވަތަ ހޮޓްލައިން 1410 ނަންބަރަށްވެސް ކަންބޮޑުވުންތައް ހިއްސާކުރެވޭނެކަން ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. މިކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންނާއި އެންޑީއޭ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.

ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ނުރަނގަޅު އާދަ އާއި ގުޅިފައިވާ އެހެން ކަންތައްތައް ކަމުގައިވާ ޑްރަގް އިންޖެކްޓް ކުރުން ފަދަ ކަންތައްތަކަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވާލެވޭ ދޮރެއްކަމުގައި އެންޑީއޭއިން ވަނީ ބުނެފައެވެ. އަދި މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު މިފަދަ ބަލިތައް ތަހައްމަލުކުރަމުންދާކަން އެންޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައުގެ އެހީތެރިކަމާ ބައިވެރިވުން ލިބި، ޝާމިލްގޮތެއްގައި މަސައްކަތްކޮށްގެން ނޫނީ ހައްލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އެންޑީއޭއިން ވަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.