ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުން މެލޭޝިއާގެ ޕުޓުރާޖާޔާގައެވެ. ރައީސް މުއިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރްހަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައިސް މުއިއްޒު ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައި ވެއެވެ.

މި ރަސްމިއްޔާތުގައި، ރައީސް މުއިއްޒަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުހަބާ ވިދާޅުވެ ތައާރަފު ވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް ތައާރަފުކޮށް ދެއްވިއެވެ. އަދި ދެ ގައުމުގެ ލީޑަރުން އެކުގައި މެލޭޝިއާގެ، ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރެއްވިއެވެ.

މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.