ރާއްޖެއާއި މެލޭޝިއާ އާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިހާރު ރައީސް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.

ރާއްޖެ-މެލޭޝިއާ ދެމެދު އެއްބަސްވުންތަކުގައ ސޮއިކުރެވުނު ދާއިރާތަކަކީ:

1- ކުޅިވަރުގެ ދާއިރާއިން ދެގައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުން:- މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ހަނާން ޔިއޯހްއެވެ.

2- ސިއްހާ ދާއިރާއިން އެއްބާރުލުންދިނުން:- މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަހްމަދުއެވެ.

3- ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދިނުން:- މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ ހައިރުލް ފިރުދައުސްއެވެ.

4- ހާރިޖީ ދާއިރާއިން މީހުން ބިނާކުރުން (ޑިޕްލޮމޭޓުން ތަމްރީންކުރުން):- މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އޮފް ފޮރިން އެފެއާޒް މުހައްމަދު އަލާމިންއެވެ.

5- ބައިލެޓްރަލް ކޮންސަލްޓޭޝަންއާ ގުޅޭ އެއްބަސްވުން:- މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަލަމިންއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

މި ބަޔާނުގައި ދެބޭފުޅުންވެސް ވަނީ އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާއި އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި ދެގައުމު ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަންވެސް މި އެއްބަސްވުމުގައި ހާމަކުރެއްވިއެވެ.

މީގެ އިތުރުން މި ބަޔާނުގައި ދެބޭފުޅުން ވަނީ ފަލަސްތީނުގެ މައްސަލާގައިވެސް ދެގައުމުގެ ހިޔާލު އެއްގޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެކުގައި މަސައްކަތްކުރައްވާނެކަން ހާމަކުރައްވަމުން ރައީސް ވަނީ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.