އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު، އިތުރު ފަރުވާއަށް ސަރުކާރުގެ ހަރަދުގައި ބޭރަށް ގެންދަން ނިންމައިފިއެވެ.
މިރޭ ޔުމްނުގެ އާއިލާގެ ފަރާތުން ވަޓްސަޕް މެދުވެރިކޮށް ނޫސްވެރިންނަށް ކުރި ކޮންފަރެންސް ކޯލެއްގައި، ޔުމްނުގެ ފަރުވާއާ ގުޅޭ ކަންކަމުގެ މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ވަނީ އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެންމެ އަވަހަށް ފުރެން އޮތީ މި މަހުގެ 28 ގައި ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.
ޔުމްނުގެ މިހާރުގެ ހާލަތާއި ގުޅިގެން އާއިލާއިން މައުލޫމާތެއް ދީފައެއް ނުވެއެވެ. އާއިލާއިން ވަނީ ޗާޓަޑް ފްލައިޓެއްގައި ފުރުވާލެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، އެކަން ހަމަޖެހިއްޖެ ނަމަ މާދަމާ ވެސް ފުރަން ޖެހިދާނެ ކަމަށް ބުނެފައެވެ.
އާއިލާގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދީފައިވަނީ އެ މައުލޫމާތު މީޑިއާތަކަށް ދޭން ޕަވަ އޮފް އެޓާނީ ދީފައިވާކަމަށް ބުނާ، މޫމިން މައުމޫން ކިޔާ މީހެކެވެ.
ޔުމްނު ވެއްޓުނު މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. މި މައްސަލައިގައި ޒުވާނުން މުޒާހަރާ ކުރާތާ މިއީ ތިންވަނަ ރެއެވެ.
ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެކި މުއައްސަސާތަކަށް ކުރެވޭ ތުހުމަތު ތަކާއެކު އިއްޔެ ހެނދުނު ވަނީ ފުލުހުންގެ ހާއްސަ ނިއުސް ކޮންފަރެންސެއްވެސް ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވަނީ ހާދިސާގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ޔުމްނު އާއި އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލްގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފުޓޭޖުތައް އާންމުކޮށްފައެވެ.