އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު އާއި ރައުދު އަހްމަދު ޒިލާލްއާއި ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ބުނެފިއެވެ.
މިއީ ކުރިން ފުލުހުން ހާމަކޮށްފައި ނުވާ މައުލޫމާތަކަށްވާއިރު، މިކަން ހާމަވެގެން ގޮސްފައިވަނީ ރައުދުގެ ބަންދަށް 5 ދުވަސް ޖެހުމަށް ކޯޓުން ކުރި އަމުރުގައެވެ. އެ އަމުރުގައި ބަޔާންކޮށްފައިވާގޮތުން މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށާއި، ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އޭގެ މާ ގިނައިރު ތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދުއާއި ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނި ކަމަށް ބުނެފައެވެ.
ނަމަވެސް މީގެކުރިން ފުލުހުން ބުނެފައިވާ ގޮތުން މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. އަދި ފުލުހުން ބޭއްވި ނޫސްވެރިންގެ ކޮންފެރެންސްގައިވެސް ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އެއްވެސް ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް އެނގިފައިނުވާ ކަމަށް ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔުމްނު ވެއްޓުނު މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. މި މައްސަލައިގައި ޒުވާނުން މުޒާހަރާ ކުރާތާ މިއީ ތިންވަނަ ރެއެވެ. މީގެއިތުރުން ސޯޝަލް މީޑިއާގައިވެސް ގިނަ އަދަދެއްގެ މީހުން ދަނީ މި މައްސަލައިގައި ގިނަ ކަންތައްތަކެއް ފުލުހުން ސިއްރު ކުރަމުންދާކަމަށް ބުނަމުންނެވެ.
މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު އިތުރު ފަރުވާއަށް ސަރުކާރުގެ ހަރަދުގައި މެލޭޝިޔާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.