ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާނީ ދެފުށް ފެންނަ ގޮތަށް ޒިންމާދާރު ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި ހުންނަވައި މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ޤައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ މިކަމުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމްކޮށްދިނުން ކަމަށެޗެ. އަދި ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީން ރައީސަށް ލިބޭ ބާރުގެ ދަށުން އުފެއްދެވި މި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދެވެ. މި ކޮމިޝަންގެ ރައީސަކީ މުނައްވަރު ކަމުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ކޮމިޝަނެއް އުފެއްދެވީ އެ މައްސަލައިގެ ތަހްގީގާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބޮޑުވެފައިވާތީއެވެ.
މި މައްސަލައިގައި ޔުމްނާ އެކު އެންމެ ފަހުން އުޅުނު 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް އޭނާ ހިމެނޭހެން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނާ އެކު އެންމެ ފަހުން އުޅުނު އަށް މީހުންގެ ފޯނު ހިފަހައްޓައި ރާއްޖޭން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގުގައި އެއްވެސް އިހުމާލެއް ވޭތޯ ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ރޭ ވަނީ އަމުރުކުރައްވައިފައެވެ