އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އޭނާއާއެކު އުޅުނު އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ރައުދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާކަމަށެވެ. ރައުދު ހައްޔަރުކޮށްްފައިވަނީ އިއްޔެ 18:20 އެހާކަންހާއިރުއެވެ. މި މައްސަލައާއި ގުޅިގެން މާންދޫގެ ޓެރެސްއާއި 2 ވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގެ 3 ވަނަ ފަންގިފިލާވެސް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ރޭ އޭނާއާއެކު އުޅުނު 8 މީހުންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ:

  • ރައުދު އަހްމަދު ޒިލާލް، ގ. އެރިޔަދޫ (21އ)
  • އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް (22އ)
  • އާމިނަތު ޖުނައިނާ ޖަމްޝީދު، ހ. ތިލަފަޅު (24 އ)
  • އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގޭ ދެކުނުގެ (28އ)
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒް (28އ)
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ (28އ)
  • އިޖާޒް ޖާއިޒް، މާތޮޑާއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ (24އ)
  • ޔޫސުފް އަހްމަދު އަކްރަމް، މއ. މާންދޫގެ ދެކުނުގެ (24އ)

ޔުމްނު ވެއްޓުނު މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ވަނީ މުޒާހަރާ ކޮށްފައެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ރޭ ދަންވަރު މި ހަރަކާތް ނިންމާލީ މިރޭ ވެސް އެ ހަރަކާތް ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.

ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެކި މުއައްސަސާތަކަށް ކުރެވޭ ތުހުމަތު ތަކާއެކު އިއްޔެ ހެނދުނު ވަނީ ފުލުހުންގެ ހާއްސަ ނިއުސް ކޮންފަރެންސެއްވެސް ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވަނީ ހާދިސާގެ ކުރިން ހ. ފެންޓެނޯއީ ގޭގައި ޔުމްނު އާއި އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލްގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފުޓޭޖުތައް އާންމުކޮށްފައެވެ.