ހ. ފެންޓޯނިއާ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިމައްޗަށް ވާ ގޮތަށް ހުންނަ ދެ ދޮރުގެ ފެންލައިޓަކުން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި ހިމެނޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މި ހާދިސާއާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އެ އަންހެން މިހާ ވެއްޓުނު ހާދިސާގައި އެގޭގައި އަންހެން މީހާއާ އެކު އުޅުނީ ރައުދު އަހްމަދު ޒިލާލް ކަމަށާއި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަަމަށެވެ.

ރައުދު އާ ކުރި ސުވާލުން އެރޭ އެ މީހުންނާއެކު އިތުރު 7 މީހަކު އުޅުނު ކަމަށާއި އެމީހުން ދެނެގަނެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެމީހުންގެ ވަނަވަރު މިއަދު ހާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އަންހެން މީހާ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހާދިސާ ހިނގި އިރު އެތަނުގައި ހުރީ ރައުދު އެކަނި ކަމަށާއި ދެން ތިބި މީހުންނާ ހުރި ގުޅުން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ހާދިސާގައި ހިމެނޭ 8 މީހުންގެ ވަނަވަރު މިއަދު އާންމު ކުރައްވާނެ ކަމަށާއި އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރެގެން އެ މަސައްކަތް ކޮށް އެމީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަަމަށް ޝުޖާއު ވިދާޅުވިއެވެ. މި ހާދިސާގައި ހިމެނޭ އެއްވެސް މިހަކަށް ރާއްޖެއިން ބޭރަކަށް ނުދެވޭނެ ކަމަށް ޝުޖާއު ޔަގީން ކަން ދެއްވިއެވެ.

ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ވެއްޓުނު ޒުވާނާ ވެސް މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަން ދެނެގަނެވިފައެއް ނުވެއެވެ. އެ އަންހެން މީހާއާއެކު އުޅުނު ޒުވާނާ ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާ ޔޫރިން ސާމްޕަލް ދީފައި ވަނީ އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން މި ކޭސްގައި ހިމެނޭ 8 މީހުންގެ ތެރެއިން 2 މީހަކު ފުލުހުންނަށް އަތު ނުޖެހޭ ކަމަށާއި ދެން ތިބި 6 މީހުންނާ ސުވާލުކޮށްފައިވީ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި ހިމެނޭ މީހުންގެ ތެރޭގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުން ފެށުމާ ގާތްވެފައި ވަނީ ކޮށް މި ކޭސް އާ ގުޅުން ހުރި ބަޔަކށް ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން، އެ މަގާމުން ވަނީ ވަކިކޮށްފައެވެ. އަދި ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ވެސް މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފައެވެ.