ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާންގެ ފަރާތުން، 'ދައުރު' ނޫހުގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި ނޫސް ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް'އާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާ އުފުލައިފިއެވެ.

މަޖިލީސް މެމްބަރެއްގެ ކުރިން 'ދިޔަރެސް' ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެއްވި އަޒާން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ދައުރު ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަޒާން އެމަނިކުފާނަށް ތުހުމަތުތަކެއް ކުރެއްވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އަޒާން ވަނީ އެކަން ދޮގުކުރައްވާ އޭނާ ކުރެއްވީ އެފަދަ ތުހުމަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަޒާންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ ލިޔުމުގައި ހުރި ވާހަކަތަކުގެ ސަބަބުން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށާއި، އެހެންކަމުން އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ ލިޔުން ޑިލީޓުކުރުމަށް ނުވަތަ އިސްލާހުކުރުމަށް އަމުރުކޮށްދިނުމަށެވެ.

އަޒާން ވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައެވެ.

މި މައްސަލަ ފެންމަތިވެފައިމިވަނީ އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. އެ ޑޮކިއުމަންޓަރީއާ ގުޅިގެން ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީހަށް ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޒުފުކުރުމުގެ ޖިނާއީ ދައުވާ އުފުލާ އެ ބޭފުޅުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.