ޖުވާ ކުޅުމާ އަދި އެފަދަ ތަނެއް ހިންގުމަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރްޒޫގްއެވެ.

ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ބިލުގައި ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަކަމުގައިވާއިރު އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އަދި މި ކުށުގެ އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށްލުން ކަމަށެވެ.

މި ބިލިގައި ޖުވާ ކުޅުންކަމުގައި މާނަކޮށްފައިވަނީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯބިކްކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާއެއް ލިބިގަތުމަށް އެއްޗެއް ދޫކޮށްލުމެވެ.

މީގެ އިތުރުން މި ބިލުގައިވަނީ ޖުވާކުޅުންކަމުގައި ނުހިމެނޭ ކަންކަންވެސް ބަޔާންކޮށްފައެވެ. އެގޮތުން މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމަކީ ޖުވާ ކުޅުންކަމުގައި ނުބެލެވޭނެއެވެ. އަދި އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެއެވެ.

މީގެ އިތުރުން ޖުވާ ކުޅުމުގެ ތެރޭގައި ޖުވާކުޅުމުގެ އާލާތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ނުވަތަ އެޑެޕްޓްކުރެވިފައިވާ ޑިވައިސް ނުވަތަ މެޝިނަކުން ކުޅުންތެރިންނަށް ލިބިދޭ ވަނަތަކާއި އިނާމާއި އެފަދަ އެއްޗެއް ރިޑީމްކުރުމަށް ދާ އަގެއް ރަމްޒުކޮށްދޭ ކޮއިން ނުވަތަ ޓޯކަން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ނުވަތަ މެޝިން ބޭނުން ކުރުން ނުހިމެނޭކަމަށް މި ބިލުގައިވަނީ ބުނެފައެވެ.