އިންޑިއާގެ ޕަހަލްގަމްއަށް ދިން ޓެރެރިސްޓު ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.

ޕަހަލްގަމްއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އަމާޒުކޮށްދިން މި ހަމާލާއިގައި 28 މީހަކު މަރުވެފައިވާއިރު 20 މީހަކު ޒަހަަމްވެފައިވެއެވެ.

މި ހަމަލާ ކުށްވެރިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެތައް ބައެއް މަރުވި އަދި އެތައް ބަޔަކަށް އަނިޔާ ލިބުނު ޕަހަލްގަމް ޓެރެރިސްޓު ހަމަލާގެ ހަބަރާއެކު ހިތާމައާއި ސިހުން ލިބިވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އަބަދުވެސް ޓެރެރިޒަމްއާ ދެކޮޅު ކަމަށެވެ. އަދި ޓެރެރިޒަމްއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.