ރަޝިއާގެ ވެރިރަށް މޮސްކޯގެ ރަށްބޭރުގައި ހުރި މާ ސިންގާ ކޮންވެންސަން ސެންޓަރަކަށް ހަތިޔާރުއަޅައިގެން ތިބި ބަޔަކު ވަދެ ހަމައެއް ލަމައެއް ނެތި ބަޑިޖެހި ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 133 އަށް އަރައިފިއެވެ.

ރޭ ހިނގި މިހާދިސާއާ ގުޅޭ ފްޓޭޖުތައް އާންމު ވެފައި ވާ އިރު ކޮންވެންޝަން ސެންޓަރުގެ އެކިއެކި ބައިތަކުގައި ގިނަ ބަޔަކު އެއްވެފައި ވަނިކޮށް ހަތިޔާރުއަޅައިގެން ތިބޭ 4 މީހަކު އެ ކޮމްޕްލެކްސް އަށް ވަންނަމުން ލޮބީއިން ފެށިގެން ބަޑިޖަހަމުން ދިޔައެވެ. އޭރު ލޮބީގައި ވެސް ކޮންމެވެސް ވަރަކަށް އާންމުން ތިބި އިރު, ގިނަ އަދަދެއްގެ ބަޔަކު ތިބި ހޯލަކަށް ވަދެވެސް ވަނީ ހަމަލާ ދީފައެވެ. އެއާއެކު މީހުންތައް ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔަ އިރު ބަޑިޖަހަމުން ދިޔުމާއި އަތުބޮން އުކާފައި ވުމުން އެ ތަނުގައި ރޯވެ ބޮޑުބައެއް އަނދާފައި ވެސް ވެއެވެ.

މި ހާދިސާ އާ ގުޅިގެން ރަޝިއާގެ ދާހިލީ ވުޒާރާއިން ބުނީ, ހަމަލާދިން 4 މީހުންނާއެކު ޖުމްލަ 11 މީހަކު މިހާރު ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ 4 މީހުންނަކީ މުޅިންވެސް ރަޝިއާއިން ބޭރު މީހުން (ބޭރު ގައުމުތަކުގެ މީހުން) ކަމަށެވެ.

ރަޝިއާގެ ހޯލް އަށް ހަމަލާ ދީ ރޯކޮށްލުމުން އަނދަމުން ދަނީ / ފޮޓޯ: އަލްޖަޒީރާ

މި މީހުން ހައްޔަރު ކުރާ ބައެއް ފްޓޭޖްތައް ވެސް މިހާރު އާންމު ވެފައި ވާ އިރު ރަޝިއާގެ ސަލާމަތީ ބާރުތަކުން ވަނީ ހައްޔަރު ކުރި ބައެއް މީހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ގަދަ ދެއްކުމުން އަނިޔާވެސް ކޮށްފައެވެ. އެތަނުން އެއް ފްޓޭޖެއްގައި ފެންނަ ގޮތުން އެކެއްގެ ކަންފަތްވެސް ބުރިކޮށްލައެވެ.

ކްރޮކަސް ސިޓީ ހޯލް ނަމަކަށް ކިޔާ އެ ކޮންވެންޝަން ސެންޓަރަށް ދިން މިހަމަލާ އަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ރަޝިއާގެ އެތެރޭގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މީގެ 20 އަހަރު ކުރިން ބެސްލާން ސްކޫލު ހިސޯރު ކުރި ހާދިސާގައި 334 މީހަކު މަރުވެ 1000 މީހުން ރަހީނު ކުރިއެވެ. އެމީހުން ދޫކޮށްލީ 3 ދުވަސް ފަހުންނެވެ.

ރަޝިއާގެ އެފްއެސްބީ ސެކިއިރިޓީ ސާވިސް އިން ބުނެފައި ވާ ގޮތުން މިހަމަލާ އަކީ ދުރާލައި ރާވައިގެން އަދި ހަތިޔާރުވެސް ދުރާލައި ރަޝިއާގެ ތެރޭގައި ފޮރުވާފައި ބެހެއްޓުމަށް ފަހު ދިން ހަމަލާއެކެވެ.

މިހަމަލާގެ ޒިންމާ އައިސިލް-ކޭ ކިޔާ އައިސިސް ގެ ޖަމާއަތަކުން އުފުލާފައި ވާ އިރު ހަމަލާގައި ބައިވެރިވި މީހުންގެ ފޮޓޯވެސް އެމީހުން އާންމު ކޮށްފައި ވެއެވެ.

އަލިފާން ރޯވެ އަނދައިގެން ސީލިންތަކާ އެއްކޮށް އެ ހޯލުގެ ބޮޑުބައެއް ވެއްޓުނު އިރު ގާތްގަނޑަކަށް 60 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވެއްޓިފައި ވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި އިރު ރަޝިއާގެ 3 ބޭންކަކުން ވަނީ މަރުވި މީހުންގެ ތެރެއިން އެ ބޭންކުތަކުން ލޯނު ނަގާފައި ތިބި މީހުންގެ ލޯނުތައް މާފުކޮށްދޭނެ ކަމަށް ބުނެފައެވެ.

މިހަމަލާ އައިސިސް އަށް ނިސްބަތްވާ އައިސިލް-ކޭ ކިޔާ ޖަމާއަތުން ދިނުމުގެ ފަހަތުގައި ވަނީ ސީރިއާ އާއި އަފްގާނިސްތާންފަދަ ގައުމުތަކުގައި އައިސިސް އާ ދެކޮޅަށް ރަޝިއާއިން ކުރާ ހަނގުރާމައިގެ ބަދަލު ހިފުން ކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް މިހަލާ ދިން ސަބަބެއް އެ ޖަމާއަތުން ހާމަ ކޮށްފައެއް ނުވެއެވެ.

މި ހަމަލާ އާ ގުޅިގެން ރައީސް ވަލްޑިމިއާ ޕުޓިން ވިދާޅުވީ, ޒިންމާ ވާ އެކަކުވެސް ދޫނުކުރާނެ ކަމަށާއި ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.