ޕާކިސްތާންގެ ބަލޯޗިސްތާންގައި މާދަމާ އޮންނަ އިންތިހާބާ ދިމާކޮށް 2 ބޮމެއް ގޮއްވާލައި 28 މީހަކު މަރާލައިފިއެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިހާދިސާގައި މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކު ޒަހަމްވެފައި ވެސް ވެއެވެ.
މި ހަމަލާ އަމާޒު ކޮށްފައި ވަނީ އިންތިހާބީ އޮފީސްތަކަށް ކަމަށާއި ފުރަތަމަ ހަމަލާގައި 16 މީހަކު މަރުވި އިރު އެ ހަމަލާ އަމާޒު ކުރީ މިނިވަން ކެންޑިޑޭޓް އަސްފަންދިޔާރް ހާން ކަކަރއް ނަމަކަށް ކިޔާ ކެންޑިޑޭޓެއްގެ އޮފީހަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަފްގާނިސްތާނާ އިންވެގެން އޮންނަ އަވަށެއް ކަމަށް ވާ ޕިޝިންގައި ދިން މިހަމަލާގައި 20 މީހަކު ޒަހަމްވި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ނާޒުކު ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.
ދެވަނަ ބޮން ގޮއްވާލީ ޖަމީއަތު އުލެމާ އިސްލާމް )ޖޭޔޫއައި( އޮފީސް ކައިރީގައެވެ. މިހަމަލާގައި 12 މީހަކު މަރުވެ 8 މީހަކު ޒަހަމްވެފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފުރަތަމަ ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ބޮން ހަރުކޮށް ވައިފައި ނިޒާމެއް ބޭނުން ކޮށްގެންނެވެ. ދެވަނަ ހަމަލާ ދީފައިވާ ގޮތް އަދި މުޅިން ސާފެއް ނުވެއެވެ.
މިހަމަލާތަކާ ގުޅިގެން އީރާނާއި އަފްގާނިސްތާނާ ގުޅޭ ޕާކިސްތާންގެ ބޯޑަރު ހުކުރާ ހަމައަށް މިހާރު ވަނީ ބަންދު ކޮށްފައެވެ.
މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާ އިރު, އަފްގާނިސްތާނާ އިންވެގެން އޮންނަ ހައިބާރު ޕަހުތުންހުވާ ގައި ބިރުވެރިކަން ވަނީ އިތުރުވެފައެވެ. އެ ސަރަހައްދަކީ ތާރީހޭ ތާލިބާން ޕާކިސްތާންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ބޮޑު ސަރަހައްދެކެވެ. މީގެ ކުރިން ބޮން ގޮއްވުމުގެ އެތައް ހާދިސާއެއް އެ ސިޓީގައި ހިންގާފައި ވާ އިރު އެ ޖަމާއަތުން އެކަމުގެ ޒިންމާވެސް އުފުލާފައި ވެއެވެ.