ކޮންމެ ހަފްތާއަކުވެސް ރާސްޓަސް ކޮށްގެން އަގުހުރި އެތައް އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފިއެވެ.

އުރީދޫ އިން ބުނީ މިއީ އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި، މި ޕްރޮމޯޝަން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އުރީދޫ އިން މި މުއްދަތުގެ ތެރޭގައި ރާސްޓަސްކުރާ ހުރިހާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޮވުމަށް ނަގާ ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އުރީދޫ އިން ކޮންމެ ހަފްތާއަކު ދޭ އަގުހުރި އިނާމު ތަކުގެ ތެރޭގައި އެޕަލް ވޮޗް ސީރީޒް 9، އައިފޯން 15 ޕްރޯ މެކްސް 256 ޖީބީ، އައިފޯން 11 ޕްރޯ މެކްސް 256 ޖީބީ، ނިންޓެންޑޯ ސްވިޗް، 5000ރ. ގެ ފައިސާގެ އިނާމުގެ އިތުރުން ސެމްސަންގް ގެލެކްސީ ވޮޗް ހިމެނެއެވެ. އުރީދޫ އިން ބުނީ މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 20،000ރ. ގެ ފައިސާގެ އިނާމު ކަމަށެވެ.

އުރީދޫ އިން ވަނީ މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ހަފްތާގެ ނަސީބުވެރި ފަރާތް މިހާރު ހޮވާފައެވެ. އެގޮތުން އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކީ ށ. ފޭދޫ، އަބްދުލް ލަތީފް މުހައްމަދު ކަމަށެވެ. ލަތީފް އަށް އުރީދޫ އިން ވަނީ އެޕަލް ވޮޗެއް ދީފައެވެ.

އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތަކާއެކު އަގުހުރި އިނާމްތަކެއްވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން އުރީދޫ އިން މިހާރުވެސް ވަނީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ނަސީބުވެރި 2 ފަރާތަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި ހަމައެހެންމެ އެއީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކާ ވެސް މެއެވެ.