ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވޯކްއިން އިންފޮމޭޝަން ސެޝަންއެއް ބޭއްވުމަށް ނިންމައިފިއެވެ.
ސްޓެލްކޯ އިން ބުނީ މި އިންފޮމޭޝަން ސެޝަން ބޭވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 24، 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 ސްޓެލްކޯގެ ޓްރެއިނިންގ ރޫމް ގައި ކަމަށެވެ. މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް 13:00 އިން 14:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓްރީ ވުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ. މި ސެޝަންގައި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ހިއްސާކުރެވިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯ މެރިޓް ބެސްޓް އިންޖިނިއަރިން ސްކޮލާޝިޕް ސްކީމަކީ މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެސްޓީއެމް ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ފުލް ފަންޑަޑް ސްކޮލަޝިޕް ޕްރޮގްރާމެކެވެ. މި ސްކޮލާޝިޕްގައި މެކޭނިކަލް އިންޖިނިއަރިންގެ ދުފުރަސަތު އަދި އިލެކްޓިރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ އެއް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރު 24 އަހަރު ފުރިފައިވުން ހިމެނެއެވެ.