ހުޅުމާލެ ފޭސް 2 ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 967 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން އާއި އުމުރުން 36 އަހަރުގެ މ. ވިލާތުކުންނާރުގެއާގެ، މުހައްމަދު ޒައީން ކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި، ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އެ ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 968.6 ގުރާމް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހުޅުމާލެއިން ދެ މީހުން އަތުލައިގެންފައިވާ އިރު، މި މަހުގެ 17 ވަނަ ދުވަހު މާލެއިން ވަނީ 750 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު އަތުލައިގެންފައެވެ.