ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައ ވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ގޮތުން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައި ވެއެވެ. އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ އިރު، އޭގެ ވަގުތީ ބަރުދަނަކީ 749.36 ގުރާމް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ، ހ. ހަންޏާމީދޫގެ، ޝައިހާން އިސްމާއީލް ސައުރު އާއި އުމުރުން 43 އަހަރުގެ ހ. ކަހަފަތި، މުހައްމަދު އަހްމަދު އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށް ވެސް ވަނީ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބާޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި ފެނިފައި ވަނީ މި ދެމީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ކަން އެނގެއެވެ.

މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.