މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް" ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ގްރެޖުއޭޓް ވެއްޖެއެވެ.
ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. މި ބެޗުގައި ޖުމްލަ 32 ބައިވެރިން ވަނީ ގްރެޖުއޭޓް ވެފައެވެ.
މި ބެޗުގައި ގްރެޖުއޭތްވި ދަރިވަރުން ތަމްރީނުވި ދާއިރާތަކަކީ ފްރޮންޓް އޮފިސް، ހައުސް ކީޕިން، ކޮމާޝަލް ކުކަރީ، ޕޭސްޓްރީ އެންޑް ބޭކަރީ، ލައިފް ގާޑިން، އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް އަދި ފުޑް އެންޑް ބެވަރޭޖް ސާވިސަސް އެވެ. މި ޕްރޮގުރާމް ހިންގާފައި ވަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވަސް އަދި ވެސްޓިން މޯލްޑިވްސް ގައެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އެހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.
މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެން ދާއިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3 ލިބިގެން ދާނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި ޕްރޮގުރާމުގެ މަގުސަދަކީ މަސައްކަތްތެރި ކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ޒުވާނުންނަށް މަސައްކަތްތެރި ކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށް ފަހު، ތަމްރީން ފުރިހަމަ ކުރި ކަމުގެ ގައުމީ ސަނަދު ދޫކުރެއެވެ.
ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ. ސޯޝަލް ސެންޓަރ, މާލެ, ދިވެހިރާއްޖެ