ދިވެހި މުޖުތަމައުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި، ރިވެތި އަހްލާގުން ޖަރީވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމައު އިސްލާހުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މހެން ވިދާޅުވެފައި މި ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މި އަހަރު ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ، ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ގައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ދިވެހިންގެ ނެތީ ވިއްޔާ، ގައުމުގެ ކަންކަން އިސްލާހު ވެގެން ދާނީ ކޮންފަދައަކުން ތޯ އޭ އައްސަވާ ސުވާލު އުފައްދަވާފައެވެ. މާތްވެގެންވާ ކީރިތި ގުރުއާނުން ވެސް ދައްކުވައި ދޭ މަގަކީ މިއީ ކަން ހަނދާން ކޮށްދެއްވަމުން ރައީސް ވިދާޅުވީ، ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރިވެތި އަހުލާގު އަށަގެންނެވުމަށް މަސައްކަތް ކުރުމަކީ އިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ގައުމަށް ދިމާވެފައިވާ މައްސަލަތައް، ހައްލު ކުރުމުގެ ހިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ގައުމުގެ ކަންކަން އިސްލާހު ނުވާނެ ކަމަށާއި، މައިންބަފައިންގެ އަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައި ދިނުން ކަމަށާއި، ތައުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރިވެތި އަހްލާގުން ޖަރީވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފި ކަމުގައިވާ ނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމައުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މާތް ﷲގެ އިރާދަފުޅާއެކު، އެ މަނިކުފާނުގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޖާގަ އާއި ވަސީލަތުގެ ގޮތުން ޔުނިވާސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު ފެތުރުމުގެ ތާރީހުގައި ވެސް ފާހަގަކުރެވިގެންދާ ރަސްމިއްޔާތެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް ފުރަތަމަ ފަހަރަށް އަރުވާފައި ވަނީ ރޭގެ ރަސްމިއްޔާތުގައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި ވަނީ، ދިވެހިރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފެތުރެއްވުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދަށެވެ. ފަޟީލަތުއްޝައިޚް އިސްމާއީލު މުހައްމަދަށް މި ޝަރަފު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ހާސިލުކުރި ބައެއް ދަސްވެނީންނާއި، މަތީ ވަނަތައް ހާސިލުކުރި ދަސްވެނީންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށް ދެއްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.