މައުލޫމާތު ހިއްސާ ކުރެއްވުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރައްވާފައި ވަނީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއް ވެސް ކުރިމަތި ކުރެއްވިދާނެ ކަމަށާއި، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމަށް، ނޫސްވެރިންނަށް ދައުވަތު ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދައުވަތު ދެއްވައިފި ނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހުރިހާ ވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަ ކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މައުލޫމާތު ހިއްސާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށް ވެސް ވަގުތު ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. އޭނގެ ކުރިން ވެސް އެމަނިކުފާނު ރައީސް ކަމާ ހަވާލުވެވަޑައިގެންފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ ދެ ފަހަރެއްގެ މަތިންނެވެ.