އިސްރަށްވެހިންނަށް ދޫކުރާ ހާއްސަ ލައިސަންސްއާ ގުޅިގެން ކުރީގެ ލައިސަންސް ބާތިލު ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނިީ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން 60 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދައާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސެންސެއް ބާތިލު ނުވާނެ ކަމަށެވެ.

އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުން ކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރުފުރިފައިވާ ފަރާތްތަކަށް ވެސް ހުރަހެއް ނެތް ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ މި ހުއްދަ ތައާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާނުލައި، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅު ތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދިނުން ކަމަށެވެ.

އިސްރަށްވެހިންނަށް ގަވާއިދުގެ ތެރެއިން ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ގެނެސްފައިވާ ފަސޭހަ އަދި ހެޔޮ ބަދަލުގެ މަގުސަދު ގެއްލި މައުލޫމާތު އޮޅޭނެ ފަދައިން އެއްވެސް ފަރާތަކުން ޕޯސްޓްތަކާއި އާޓިކަލްތައް ދައުރުނުކުރުމަށް ވެސް އެ މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.