އިސްލާމްދީނަށް ފުރައްސާރަކޮށް ޓިކްޓޮކް ޕްލެޓްފޯމްގައި ވާހަކަ ދެއްކި ދިވެހި ފިިރިހެނެއްގެ މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހި ފިރިހެނަކު ދަނީ ތަކުރާރުކޮށް އިސްލާމް ދީނަށް ހަޖޫ ޖަހާ ކީރިތި މާތް ނަބިއްޔާއަށް ކުޑަ މީސްކޮށް ވާހަކަ ދައްކާފައިވާ ވީޑިއޯތައް އޭނާގެ ޓިކްޓޮކް އެކައުންޓުގައި ޕޯސްޓު ކުރަމުންނެވެ.
ރާއްޖެއިން ބޭރު ގައުމެއްގައި ހުރެގެން އެ މީހާ ޕޯސްޓު ކުރާ ވީޑިއޯތަކުގައި އޭނާ ވަނީ ވަރަށް ބޮޑަށް އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.
އަދި ބައެއް ޓިކްޓޮކް ލައިވްތަކުގައި ވެސް އޭނާ މިފަދަ ވާހަކަތައް ދައްކާފައިވާއިރު އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ، ތިމަންނާ އަށް ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ އަގީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި އެ ރަސްމީކޮށް އެދިފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހިއްސާކޮށްފައި ނުވެއެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ ދިރިއުޅެމުންދަނީ ސްވިޓްޒަލޭންޑުގައެވެ.
މީގެ ކުރިންވެސް ޓިކްޓޮކްގައި ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ މައްސަލަ ފެންމަތިވެފައިވާއިރު އެކަމަށް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވެއެވެ. އަދި އެފަދަ މީހުން މިހާރުވެސް ޓިކްޓޮކްގައި ހަރަކާތްތެރިވަމުންދިޔުމަކީ އާންމުން ކަންބޮޑުވުން ފާޅު ކުރަމުންދާ މައްސަލައެކެވެ.
