ކުޑަކުދިންގެ ޕްރައިވެސީއާ ގުޅޭ ގާނޫނުތަކާ ހިލާފުވި ކަމަށް ބުނެ އެމެރިކާގެ ސަރުކާރުން އުފުލި ދައުވާއެއް ނިންމުމަށްޓަކައި، 400 މިލިއަން ޑޮލަރު ދައްކަން ޓިކްޓޮކުން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން 2024 ވަނަ އަހަރު އޭރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގައި އުފުލި މި ދައުވާގައި ބުނެފައިވަނީ، 13 އަހަރުން ދަށުގެ އެތައް މިލިއަން ކުދިންނެއްގެ ގިނަ އަދަދެއްގެ މައުލޫމާތު ޓިކްޓޮކާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސުން އެއްކޮށްފައިވާ ކަމަށެވެ. ދައުވާ އުފުލިއިރު 170 މިލިއަން ފުރާވަރުގެ ކުދިން އެ އެޕްލިކޭޝަން ބޭނުންކުރަމުންދިޔަ ކަމަށާއި، އެއީ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްލެޓްފޯމެއް ކަމަށް އެމެރިކާގެ ވަކީލުން ފާހަގަކުރިއެވެ. މިއީ 2000 ވަނަ އަހަރު އެކުލަވާލާފައިވާ ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ހިމާޔަތްކުރާ ގާނޫނު (ކޮޕާ) އާ ހިލާފު އަމަލެކެވެ.

މި އެއްބަސްވުމުގެ ދަށުން ޓިކްޓޮކާއި ބައިޓްޑާންސުން ވަގުތުން 300 މިލިއަން ޑޮލަރު ޑީއޯޖޭއަށް ދައްކާނެއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރު ދައްކާނީ 2019 ވަނަ އަހަރު ފެޑެރަލް ޓްރޭޑް ކޮމިޝަނާއެކު ހަދާފައިވާ އެއްބަސްވުމެއް ސަރުކާރުން ބާތިލުކުރުމުންނެވެ. އެމެރިކާގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ބްރެޓް ޝޫމޭޓް ވިދާޅުވި ގޮތުގައި، މި މައްސަލަ ފެށުނު އިރާ އަޅައި ބަލާއިރު މިއަދު ކުޑަކުދިންނާއި މައިންބަފައިންނަށް އޮތް ރައްކާތެރިކަން މާ ބޮޑެވެ.

ޑީއޯޖޭއިން ފާހަގަކުރި ގޮތުގައި، މި ދައުވާ އުފުލި ފަހުން ޓިކްޓޮކްގެ މިލްކުވެރިކަމަށާއި، ޕްރައިވެސީ ސިޔާސަތުތަކުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކޮންޓްރޯލްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މި މައްސަލައާ ގުޅިގެން ބީބީސީއަށް މައުލޫމާތު ދިނުމަށް ޓިކްޓޮކުން ވަނީ ދެކޮޅުހަދާފައެވެ.

މީގެ ކުރިން ބައިޓްޑާންސްގެ ކުރީގެ ކުންފުނި ކަމަށްވާ މިއުޒިކަލީ އިން ވެސް ވަނީ ކޮޕާ ގާނޫނާ ހިލާފުވެގެން 5.7 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި ހަމަ މި ގާނޫނުގެ ދަށުން 2019 ވަނަ އަހަރު ގޫގުލްގެ ޔޫޓިއުބް 170 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، 2022 ވަނަ އަހަރު އެޕިކް ގޭމްސް ވަނީ 275 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، ކުޑަކުދިންނަށް އަމާޒުކޮށްގެން ފައިދާ ހޯދާ ކަމަށް ބުނެ އެމެރިކާގެ 29 ސްޓޭޓަކުން މެޓާ ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ މައްސަލައިގެ ޝަރީއަތް ވެސް މި ހަފުތާގައި ވަނީ ފަށާފައެވެ.

މި ދައުވާ އުފުލާފައިވަނީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ޗައިނާގެ މައި ކުންފުންޏާ ވަކިކުރުމުގެ ކުރިން ކަމަށް ވިޔަސް، މި އެއްބަސްވުން ހިނގާނީ ހަމައެކަނި ޗައިނާގައި ހިންގާ އޮޕަރޭޝަންތަކަށެވެ. މިހާރު ޓިކްޓޮކްގެ އެމެރިކާގެ ވިޔަފާރީގެ 81 އިންސައްތަ ހިއްސާ އޮންނަނީ އިންވެސްޓަރުންގެ ގްރޫޕެއްގެ އަތުގައެވެ. ބައިޓްޑާންސްގެ އަތުގައި އޮންނަނީ 19 އިންސައްތަ ހިއްސާއެވެ. އަމިއްލަ ފަރާތްތަކުން ހިންގާ ބައިޓްޑާންސް ކުންފުނީގެ އަގު 550 ބިލިއަން ޑޮލަރަށް އަރާ ކަމަށް އިންވެސްޓަރުން ވަނީ އަންދާޒާކޮށްފައެވެ.