ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ (ޓިކްޓޮކް) މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ އެކައުންޓަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ދައުރުވަމުންދާ ވަކި ޓިކްޓޮކް އެކައުންޓަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ކަންތައްތައް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ އެކައުންޓްތަކުން ހިންގާ މުޢާމަލާތްތަކަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް އެންޓި ސްކޭމް ސެންޓަރުން މިހާރު ކުރަމުންދާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، މިފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދީފައި ވެއެވެ.
ފުލުހުން ވަނީ އެ އެކައުންޓުވެސް އާންމުންކޮށްފައެވެ. އެގޮތުން "އިނާޒްޒާ" ގެ ނަމުގައި ހިންގަމުންދާ އެ އެކައުންޓުގައި ތެލުލި ބަނބުކެޔޮގެ ވިއްކާ ކަމަށާއި އަދި ދުވަހު ކުއްޔަށް ކޮޓަރި ދޭކަމަށް ޕޯސްޓުތައް އާންމުކޮށްފައިވެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ އިތުރުން މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް އިރުޝާދުދީފައި ވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، އެކަމަށް ހޭލުންތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ.
