މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަހްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު، ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މަރުހޫމް އަބްދުالله އަހްމަދު ބަދާވީއަކީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ހިދުމަތް ކުރެއްވި، މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ މަރުހޫމް އަބްދުالله އަހްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ހަޔާތްޕުޅުގެ ބޮޑު ބައެއް އާންމު ހިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ހާއްސަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އަބްދުﷲ އަހްމަދު ބަދާވީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މެލޭޝިޔާގެ އިގްތިސޯދީ ކުރިއެރުމަށް އަބްދުالله އަހްމަދު ބަދާވީކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާ، އެ މަނިކުފާނަކީ ހަމަހަމަ ކަމާއި ގައުމީ އެއްބައިވަންތަކަމާއި ހެޔޮވެރިކަމެއް ގާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ފުން ހިތާމައިގެ މި ދަނޑިވަޅުގައި އަބްދުالله އަހްމަދު ބަދާވީގެ އާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވަމުންނެވެ.

އަބްދުالله އަހްމަދު ބަދާވީގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި މެލޭޝިއާގެ އިގްތިސޯދަށް ކުރިއެރުން ހޯއްދަވައިދެއްވައި ގައުމީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށެވެ.