މާދާމާއިން ފެށިގެން ދ. އުއްދޫއަށް ޕިކްނިކް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާދަމާއިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ޕިކްްނިކް ދެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދ. އަތޮޅުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަކޮށް އުއްދޫ ފަޅުރަށް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވަނީ މީދޫ ކައިރީގައި އޮންނަ އުއްދޫ ފަޅު ރަށަކީ މީގެ ކުރިން އަމިއްލަ ފަރާތަކަށް ވިޔަފާރި ކުރުމައްޓަކައި ދޫކޮށްފައިވާ ރަށެއް ކަމަށާއި، މިހާރު އެރަށް ދޫކުރި މުއްދަތު ހަމަވުމުން ސަރުކާރުގެ ކަމާ ބެހޭ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މިއާއެކު ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރައީސް ވިދާޅުވި ފަދައިން މާދަމާއިން ފެށިގެން އުއްދޫއަށް ދަތުރު ދިޔުމަށް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ. އެ މިނިސްޓްރީ އިން ވަނީ ދަތުރުދާ ފަރާތްތަކުން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަން ބޭނުންނަމަ ދުރާލާ އެކަން ހިއްސާ ކުރުމަށް އެދިފައެވެ.

މިކަމުގެ އިތުރު މައުލޫމާތު ހޯދުމަށް 9108899 ނުވަތަ 7777848 އަށް ގުޅުއްވުމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ދ. އުއްދޫ ދެން ބަލަހައްޓަމުން ދާނީ ލޯކަލް ގަވަމެންޓް މިނިސްޓްރީންނެވެ.