ގަން އެއަޕޯޓް ޑިވެލޮޕްމަންޓްގައި ހިމެނޭ މަގުތައް ހެދުމަށް ހުރަހަކަށް ވެފައިވާ އީކުއޭޓާ ވިލެޖްގެ އެކޮމަޑޭޝަން ބްލޮކްގެ މައްސަލައާއި ގުޅިގެން އީކުއޭޓާ ވިލެޖްގެ ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު އިލްތިމާސްކޮށްފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖަށް ދޫކޮށްފައިވާ ބިމެއް ވަންނާތީ، އެ ބިން ހުސްނުކުރުމުގެ ސަބަބުން މަޝްރޫއު ހުއްޓުމަކަށް އައިސްފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މި މައްސަލައިގައި އީކުއޭޓާ ވިލެޖް ހިންގަމުން އަންނަ ކައިމޫ ޓްރެވެލްސް އެން ހޮޓެލްސް ސާވިސް އާއި އޭއައިއޭއާ ދެމެދު ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅު އީކުއޭޓާ ވިލެޖް ބަންދުކުރުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް މޭޔަރު ނިޒާރު ވިދާޅުވީ އިއްޔެ، އީކުއޭޓާ ވިލެޖުގެ އިސް ފަރާތްތަކާއެކު، މިކަމަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އީކުއޭޓާ ވިލެޖުން މިކަމަށް ދާއިމީ އަވަސްހައްލެއް ހޯއްދައިދޭނެކަމުގައ ޔަގީންކަން ލިބިފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާކަމަށެވެ. އަދި މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އީކުއޭޓާ ވިލެޖްގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ކަންކަން ނުކުރުމަށް މޭޔަރު ވަނީ އިލްތިމާސްކޮށްފައެވެ. އިތުރަށް ނިޒާރު ވިދާޅުވީ އައްޑޫގައި އިންވެސްޓްކުރުމަށް ވިޔަފާރިތަށް ހޯދުމަށް ދަތިކަން ހުރިއިރު ކުރެވިފައިވާ ވިޔަފާރީގެ އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެހެން އަމަލުތަށް ބެހެއްޓުމަކީ އައްޑޫގެ އިގްތިސާދަށް އިޔާދަނުކެރެވޭނެ ގެއްލުން ވެދާނެ ކަމެއްކަމަށެވެ.

މި މައްސަލައިގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ އެ ކަމާ ގުޅޭ ގޮތުން މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރާނެ ކަމަށެވެ.