ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސަނާބިލް ބިލްޑިން ކޮންސްޓްރަކްޝަން ސައިޓް، (ލޮޓް ނަންބަރު 11528)ގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް އިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް މަޝްރޫއަކީ އެ ޔުނިވާސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިން ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިން ޖާގަތައް ހިމެނެއެވެ.

މި މަޝްރޫއަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން އިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއެވެ. މި އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.

އިސްލާމީ ޔުނިވާސިޓީގެ އާއިމާރާތް ހުޅުމާލޭގައި އަޅަން ބޭނުންވާ ފައިސާ ހޯދަން ސަނާބިލް ޕްރޮޖެކްޓްގެ ނަމުގައި ސުކޫކެއް ވިއްކަން ހުޅުވާލީ އޮގަސްޓް 11، 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ. އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިޝޫ ކޮށްފައި ވަނީ އެއް މިލިޔަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކެވެ.