"މަހުރަޖާނުލް ގުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ތިން ދަރިވަރަކާއި މިސްރުގެ ގާރީއެއްގެ ގުރުއާން ކިޔެވުން ހުށަހަޅައިދީފައިވެއެވެ.
މީގެ އިތުރުން، ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާލީ ޒާހިރު، ކުއްލިއްޔާ އޮފް ގުރުއާން އެންޑް ސުންނާގެ ލެކްޗަރާ އައްޝައިހް އަބްދުލްއަޒީޒު ހުސައިން އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން އައްޝައިހް ނިމާލް މުހައްމަދު ވަނީ ކިޔެވި ދިޔަ ބައެއް އާޔަތްތަކާއި ގުޅުންހުރި މައުޟޫއުތަކަށް ވާހަކަ ދައްކަވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ މި އަހަރުގެ މަހުރަޖާނުގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
"މަހުރަޖާނުލް ގުރުއާނިލްކަރީމް 1446" ޕްރޮގްރާމަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ގުރުއާން އެންޑް ސުންނާގެ އިސްނެގުމުގެ މަތިން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
މި މަހްރަޖާނަކީ ރީތި ރާގުތަކަށް ކީރިތި ގުރުއާން ކިޔަވައި، ކީރިތި ގުރުއާނުގެ އިލްމު ފެތުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.