ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖެ އޮތް ސަރަހައްދުގެ ސްޓްރެޓީޖިކް މުހިންމު ކަމަށް ބަލާއިރު، ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ، މި ސަރަހައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިހެން ވިދާޅުވެފައި ވަނީ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ބޭއްވި މަތީ ފެންވަރުގެ ޕެންލަް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގައި ހަލީލް ބައިވެރިވެވަޑައިގެންފައި ވަނީ ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާންގެ ދައުވަތަކަށެވެ. މި ފޯރަމްގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ވާހަކަ ދެއްކެވިއެވެ.
އެ ޕެނަލް ޑިސްކަޗަންގައި މިނިސްޓަރު ހަލީލް ވަނީ މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރާއްޖޭގެ ސަލާމަތާއި ތަނަވަސް ކަމަކީ، މި ސަރަހައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވެސް މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް ވެސް ވާހަކަ ދެއްކެވިއެވެ، އެގޮތުން ދިމާވާ ނުތަނަވަސް ކަންކަން ކުޑަ ކުރުމުގައި ސަރަހައްދީ އަދި މަލްޓިލެޓަރަލް ޖަމިއްޔާ ޖަމާއަތްތަކުން އަދާކުރަމުންދާ މުހިންމު ދައުރު ވެސް މިނިސްޓަރުގެ ވާހަކަގައި ފާހަގަ ކުރެއްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ހަލީލްގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީ އާއި ސްޓޮކްހޯމް ސެންޓާ ފޮ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސާ ޖަގަނަތު ޕަންޑާ ވެސް ބައިވެރިވެވަޑައިގަތެވެ.