ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 9 އިން 2026 ވަނަ އަހަރުގެ އޭޕްރިލް 24ގެ ނިޔަލަށް ކަމަށެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ ކަސްޓަމަރުން 250 އިން މަތީގެ ބިލް ދައްކާލައިގެން ނުވަތަ ރީޗާޖް ކޮށްގެން ނުވަތަ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށެވެ. އަދި އަލަށް އުރީދޫއަށް ވަންނަ ކަސްޓަމަރުން 400ރ. ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ޖުމުލަ 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ނަސީބުވެރި 2 ފަރާތަކަށް ހައްޖު ދަތުރެއް ލިބިގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި ދުވަސްވަރު މަތިން ދެމުންނެވެ. އެގޮތުން ނިމިދިޔަ ރޯދަ މަހުވެސް އުރީދޫ އިން ވަނީ ކަރާ ފެޅުން ގޭމެއް މެދުވެރިކޮށް އަގުބޮޑެތި އެތައް އިނާމުތަކެއް ކަސްޓަމަރުންނަށް ދޫކޮށްލާފައެވެ. އޭގެތެރޭގައި އެޕަލް އައިފޯން، މެކްބުކް، އެއާޕޮޑްސް އަދި ޓީވީ ހިމެނެއެވެ.

މީގެއިތުރުން އުރީދޫ އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކޮންމެ 3 ދުވަހަކުން ސައިކަލެއް ދޭ ޕްރޮމޯޝަނެއްގެ ދަށުންވެސް ނަސީބުވެރި 30 ފަރާތަކާއި ސައިކަލު ހަވާލުކޮށްފައެވެ. މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި 3 ޕީސީ އެކްސް އަދި ހޮންޑާ ރެބެލް އެއް ވަނީ ދީފައެވެ.