އައްޑޫ ސިޓީ ހަންކެޑެގެ މަސައްކަތް ލަސްވަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށް މައުލޫމާތު ސާފުކޮށް، އެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިރްޒާގު އެދިއްޖެއެވެ،
އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ. ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިނުވާކަން ފާހަގަކޮށް އަޒާން ވިދާޅުވީ އެކަމާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.
2023 ވަނަ އަހަރު އެމްއެފްއެމްސީ އާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު މި ސަރުކާރުން 2024 ވަނަ އަހަރު އެޕްރީލްމަހުގެ 15 ވަނަދުވަހު ބަޑިބޭހުގެ ކުޅިވަރާއެކު މި މަޝްރޫއު އިފްތިތާހުކޮށްފައިވާކަން އަޒާން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު ބޭއްވި ފަހުން އަހަރެއްހާ ދުވަސް ފާއިތުވެ ގޮސްފައިވާކަމަށް އަޒާން ވިދާޅުވިއެވެ. އަދި ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއް ގަސްތައް ނެގުން ފިޔަވައި އެހެން އިތުރު މަސައްކަތެއް ކޮށްފައިނުވާކަމަށް އަޒާން ވިދާޅުވިއެވެ.
މީގެ އިތުރުން އަޒާންވަނީ ހަންކެޑެ މަސައްކަތް ނުފެށި ލަސްވާ ސަބަބު އައްޑޫގެ ރައްޔިތުންނަށް އެނގެންޖެހޭނެކަމަށެވެ. މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވާ އަޒާން ފޮނުއްވި ސިޓީގައި ވަނީ އެސްއޯއީ ކޮމިޓީއަށް އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށްދިނުމަށް އެދިފައެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ މިދުވަސްވަރު ހަންކެޑެ މަސައްކަތް ނުފެށި ލަސްވާތީ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.