ހައްދުފަހަނަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާ ދެކޮޅު ހަދާ، ދިވެހިންތިބީ ގާޒާއާ އެކުގައި ކަން ހާމަކުރުމަށް ވެހިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން އެހެން ފަރާތްތަކާއި ގުޅިގެން މި މަހުގެ 11 ވާ ހުކުރު ދުވަހުބާއްވާ މި ވެހިކަލް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މި ބުރު އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ. 'އައްޒާއާ އެކު' ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ މާލެ ރަސްފަންނު ސަރަހައްދުން، މާދަމާ 16:00 ގައެވެ.

މީގެ ކުރިންވެސް އިސްރާ އެސޯސިއޭޝަނުން ވަނީ ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅު ހަދާ މާލޭގައި އެއްވުމެއް ބާއްވާފައެވެ. އެ ގޮތުން އިސްރާ ޖަމިއްޔާއިން ވަނީ މީގެ ކުރިން ބޭއްވި ހަރަކާތް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކޮށް ތަފާތު މެސެޖެއް މުޖްތަމައަށް ފޯރުކޮށްފީފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި އެމީހުންގެ ޖަރީމާތަކަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް އަންނަނީ އެއްވުންތައް ބާއްވަމުންނެވެ. އޮކްޓޯބަރު 7، 2023 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 50،846 މީހުން ޝަހީދުވެފައިވާކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި 115,729 މީހުން ޒަހަމްވެފައިވާއިރު، ގާޒާގެ ރައްޔިތުންވަނީ ޒަރޫރީ ބޭނުންތަކުން މަހުރޫމްވެ މަގުމަތިވެފައެވެ.